Home Blog

ޔަހޫދީ ފައުޖުގެ ސަބަބުން ލުބްނާންގެ ސަލާމަތަށް ނުރައްކާވެފައިވޭ: މިޞްރު

މެދުއިރުމަތީގެ މަސްރަޙު ހޫނުވެފައިވާ ދަނޑިވަޅުގައި, ލުބްނާންގެ ޢާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމަށް ނުރައްކާވެފައިވާ ކަން ހާމަކޮށް, މިޞްރުން އެ ކަމާ މެދު ކަންބޮޑުވުން ފާޅު ކޮށްފިއެވެ. މިޞްރުގެ ރައީސް ޢަބްދުލްފައްތާޙް އަލް-ސީސީ ވަނީ މިޞްރަށް ދަތުރުފުޅެއް ކުރައްވަމުން ގެންދަވާ އެމެރިކާގެ އަސްކަރިއްޔާގެ ޖޮއިންޓް ޗީފްސް އޮފް ސްޓާފްގެ ޗެއަރމަން އަދި ވައިގެ ސިފައިންގެ އިސް ކޮމާންޑަރު ސީކިޔު ބްރައުންއާ މަޝްވަރާ ކުރައްވައި, ޔަހޫދީ ފައުޖުގެ އަމަލުތަކާ ގުޅިގެން ލުބްނާންގެ ޢާންމު ރައްޔިތުންނަށް ކުރިމަތިވެފައިވާ ނުރައްކަލާ މެދު ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.

އެ ކަމާ ގުޅޭ ގޮތުން ސީސީ ބަރައުނާ މަޝްވަރާ ކުރައްވާފައި ވަނީ ލުބްނާންގެ މުޖާހިދުންގެ ޖަމާޢަތް, ޙިޒްބުاللهއާއި ޔަހޫދީ ފައުޖާ ދެމެދު ވަރުގަދަ ޙަމަލާތަކެއް

ބަދަލު ކުރަމުންދާ ދަނޑިވަޅެއްގައެވެ. ޙިޒްބުاللهއަށް ޙަމަލާ ދިނުމުގެ ނަމުގައި ޔަހޫދީ ފައުޖުން ދަނީ ލުބްނާންގެ ޢާންމު ރައްޔިތުން ދިރިއުޅޭ ސަރަޙައްދުތަކަށް ރަޙުމު ކުޑަ ޙަމަލާތަކެއް އަމާޒު ކުރަމުންނެވެ. ޙިޒްބުاللهއާއި ޔަހޫދީ ފައުޖާ ދެމެދު ޙަމަލާ ބަދަލު ކުރަން ފަށާފައި ވަނީ, ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން މީގެ ދިހަ މަސް ކުރިން ފެށި ލާއިންސާނީ ޢުދުވާނާ ގުޅިގެންނެވެ. އަދި, މަސްރަޙު އިތުރަށް ހޫނުވެގެން ދިޔައީ ލުބްނާންގެ ވެރިރަށް ބައިރޫތަށް ޔަހޫދީ ފައުޖުން ދިން ޙަމަލާއެއްގައި ޙިޒްބުاللهގެ އަސްކަރީ ކޮމާންޑަރު ފުޢާދު ޝުކްރު ޝަހީދު ކޮށްލުމާ ގުޅިގެންނެވެ.

އެ ކަމުގެ ބަދަލު ހިފާނެ ކަމުގެ އިންޒާރު ދިނުމަށް ފަހު, ޙިޒްބުاللهން ވަނީ ޔަހޫދީންގެ އަސްކަރީ އަމާޒުތަކަށް ވަރުގަދަ އަދި ނުރައްކާތެރި ޙަމަލާތަކެއް ދީފައެވެ. އެ ޙަމަލާތަކުގައި ޙިޒްބުاللهން ވަނީ ގިނަ ޢަދަދެއްގެ އަސްކަރީ ޑްރޯނާއި ކަތުޔޫޝާ މަރުކާގެ 320 ރޮކެޓް ބޭނުން ކޮށްފައެވެ. އެ ޖަމާޢަތުގެ ވެރިޔާ އަލް-ސައްޔިދު ޙަސަން ނަޞްރުالله ވިދާޅުވީ, ޔަހޫދީންނަށް އިތުރު ޙަމަލާތައް ދިނުމާ މެދު އެ ޖަމާޢަތުން ވިސްނަމުންދާ ކަމުގައެވެ.

އެ ކަމާ ގުޅޭ ގޮތުން ބްރައުނާ މަޝްވަރާ ކުރައްވަމުން ސީސީ ވިދާޅުވީ, ހޫނުވެފައިވާ މެދުއިރުމަތީގެ މަސްރަޙު ފިނި ކުރަން ބައިނަލްއަޤުވާމީ މުޖުތަމަޢުން ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމުގައެވެ. އަދި, މެދުއިރުމަތީގައި ނުރައްކާތެރި ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު އިތުރުވެފައިވާ ދަނޑިވަޅެއްގައި, އެ ކަން ހުއްޓުވަން މަސައްކަތް ކުރަން ޖެހޭ ކަމުގައެވެ.

“[ޣައްޒާ ޢުދުވާނާ ގުޅިގެން] އިތުރުން ހަނގުރާމައެއް ލުބްނާންގައި ފެށިގެން ދިޔުމުގެ ނުރައްކާ އޮތް ކަމަށާއި, ލުބްނާންގެ ސުލްޙައާއި ހަމަޖެހުން ދަމަހައްޓައި, އެ ޤައުމުގެ ސިޔާދަތީ މިނިވަން ކަމާއި އިސްތިޤުލާލު ހިމާޔަތް ކޮށްދޭން ޖެހޭ ކަމަށް ސީސީ ވިދާޅުވި,” ކަމުގައި އޭނާގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުންޏެވެ. މިޞްރަށް ކުރެއްވި ދަތުރުފުޅުގައި ބްރައުން ވަނީ މިޞްރުގެ ދިފާޢީ ދާއިރާގެ އިސް ކޮމާންޑަރާ ވެސް ބައްދަލު ކުރައްވާފައެވެ. ނަމަވެސް, އެ ބައްދަލުވުންތަކާ ގުޅޭ އިތުރު މަޢުލޫމާތު އެމެރިކާއިން ހާމަކޮށްފައެއް ނުވެއެވެ.

މިޞްރަށް ދަތުރު ފެށްޓެވުމުގެ ކުރިން ބްރައުން ވިދާޅުވީ މެދުއިރުމަތީގެ މަސްރަޙު އިތުރަށް ހޫނުވިޔަ ނުދޭން އެޅޭނެ ފިޔަވަޅުތަކާ މެދު މިޞްރުގެ ވެރިންނާ އެކު މަޝްވަރާ ކުރައްވާނެ ކަމުގައެވެ. އޭނާގެ ތަރުޖަމާނު ބުނީ, މެދުއިރުމަތީގައި ނުރައްކާތެރި ހަނގުރާމައެއް ފެށުން ހުއްޓުވުމަށް ދެ ޤައުމުން ގުޅިގެން ކުރެވޭނެ ކަންކަމާ ގުޅޭ ގޮތުން ބްރައުން މަޝްވަރާ ކުރައްވާފައިވާ ކަމުގައެވެ.

މިޞްރަށް ވަޑައިގެންނެވުމުގެ ކުރިން ބްރައުން ވަނީ އުރުދުންގެ ވެރިރަށް ޢައްމާނަށް ވަޑައިގަންނަވައި އެ ޤައުމުގެ އަސްކަރިއްޔާގެ އިސް ކޮމާންޑަރު މޭޖަރ ޖެނެރަލް ޔޫސުފް އަލް-ޙުނަޔިޠީއާ ބައްދަލު ކުރައްވާފައެވެ. ބްރައުންގެ ތަރުޖަމާނު ބުނީ, އެ ބައްދަލުވުމުގައި ވެސް މެދުއިރުމަތީގެ މަސްރަޙުގައި އުފެދިފައިވާ ހައިޖާނުގަނޑު ޙައްލު ކުރާނެ ގޮތްތަކާ ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރައްވާފައިވާ ކަމުގައެވެ. އަދި, ވީ އެންމެ އަވަހަކަށް ޣައްޒާ ޢުދުވާން ނިމުމަކަށް ގެނައުމާ ގުޅޭ ގޮތުން ދެ ބޭފުޅުން ވާހަކަ ދައްކަވާފައިވާ ކަމުގައެވެ.

ޣައްޒާ ޢުދުވާން ނިމުމަކަށް ގެނައުމާ ގުޅޭ ގޮތުން މިޞްރުގެ ވެރިރަށް ޤާހިރާގައި ބާއްވަމުންދާ މަޝްވަރާތަކުގައި ކުރިއެރުންތަކެއް ލިބިފައެއް ނުވެއެވެ. ޣައްޒާގައި ވެރިކަން ކުރާ ޙަމަސް ޖަމާޢަތުގެ މުޖާހިދުންނާއި ޔަހޫދީންނާ ދެމެދު މި ވަގުތު އެންމެ ބޮޑު ޚިޔާލު ތަފާތުވުމެއް އުފެދިފައިވާ މައްސަލައަކީ, ޢުދުވާން ހުއްޓައިލުމަށް ފަހު ފިލަޑެލްފީ ކޮރިޑޯއަށް ބާރު ހިންގާނެ ފަރާތެއްގެ މެދުގައި އުފެދިފައިވާ ދެބަސްވުމެވެ. ފިލަޑެލްފީ ކޮރިޑޯއަކީ މިޞްރާއި ޣައްޒާ ގުޅޭ ސަރަޙައްދީ ރޮނގެވެ. އެ ތަނަށް އަތްގަދަ ކޮށްފައިވާ ޔަހޫދީ ފައުޖުން ބުނީ, ޢުދުވާން ހުއްޓައިލި ނަމަވެސް, އެ ތަނުގެ ކޮންޓްރޯލް ދޫކޮށްލަން ބޭނުން ނުވާ ކަމުގައެވެ.

ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 40,334އަށް އުފުލިފައެވެ. އޭގެ ތެރޭގައި 16،000އަށްވުރެ ގިނަ ޢަދަދަކަށް މައުސޫމު ކުޑަކުދިން ހިމެނެއެވެ. އަދި، ޔަހޫދީ ފައުޖުން ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި އިތުރު 10،000އަށްވުރެ ގިނަ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމުގައި ޣައްޒާގެ އޮފިޝަލުން ގަބޫލު ކުރެއެވެ. ޔަހޫދީންގެ ރަޙުމު ކުޑަ ޙަމަލާތަކުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 93,356އަށް އުފުލިފައެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ 4 މެންބަރުން މަގާމުން ވަކިކޮށްފި

  • މަޖިލީހުން ވަނީ މެންބަރުން ވަކި ކުރުމަށް ރައީސަށް ލަފާ ދެއްވަން ފާސްކޮށްފައި

ރައްޔިތުންގެ މަޖިލީހުން ފާސްކުރިގޮތަށް ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހަތަރު މެންބަރުން މަޤާމުން ވަކިކުރައްވައިފިއެވެ. 

އެ ޓްރައިބިއުނަލްގެ 4 މެންބަރުން ވަކި ކުރެއްވިކަން އަންގައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީ ލިބިފައިވާކަން ޓެކްސް އެޕީލް ޓްރައިބިއުނަލްގެ އޮފިޝަލަކު ވަނީ ކަށަވަރުކޮށްދެއްވާފައެވެ. 

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހަތަރު މެންބަރުން ވަކިކުރުމަށް ސަރުކާރަށް ލަފާ ދިނުމަށް މަޖިލީހުން ފާސްކުރީ މި މަހުގެ 19 ވަނަ ދުވަހުއެވެ. މަޖިލީހުން މިގޮތަށް ފާސްކުރީ ޓެކްސް އެޕީލް ޓްރައިބިއުނަލްގައި މައްސަލަތަކެއް ހުރިކަން ފާހަގަކޮށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ހުށައެޅި ސިޓީއަކާ ގުޅިގެން ޖުޑިޝަރީ ކޮމިޓީން އެ މައްސަލަ ދިރާސާކުރުމަށްފަހުއެވެ. 

ޓެކްސް އެޕީލް ޓްރައިބިއުނަލާ ގުޅޭ މައްސަލަ ބެލި ބެލުމުން، އެ އިދާރާއިން ކުރީ ސަރުކާރުގެ ދުވަސްވަރު ކޮރަޕްޝަނަށް ތުހުމަތުވާގޮތަށް އެތައް ކަމެއް ކޮށްފައިހުރިކަން ފާހަގަކުރެވިފައިވާ ކަމަށް ޖުޑީޝަރީ ކޮމިޓީގެ ރިޕޯޓުގައި ވަނީ ބަޔާންކޮށްފައެވެ. އަދި ޚަރަދު ކުޑަކޮށް ކުރެވެންހުރި ކަންކަން ދައުލަތުގެ މާލިއްޔަތަށް ބުރަވާގޮތަށް، ބޮޑު އަގުގައި ކޮށްފައިހުރިކަންވެސް ވަނީ ފާހަގަކޮށްފައެވެ. 

މީގެ އިތުރުން ޓްރައިބިއުނަލްގައި ކޮރަޕްޝަނަށް ތުހުމަތުވާ ގޮތަށް ކަންކަން ކޮށްފައިހުރިކަން ފާހަގަކުރެވޭތީ އެކަންކަން ބެލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށައެޅުމަށްވެސް ޖުޑީޝަރީ ކޮމިޓީން ވަނީ ނިންމާފައެވެ. 

މަޖިލީހުން ފާސްކުރީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސާއި ނައިބު ރައީސް ހިމެނޭހެން ހަތަރު މެންބަރުން ވަކި ކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުމަށެވެ.

ވަކި ކުރި މެންބަރުން 

މުޙައްމަދު މުނައްވަރު އަލީ (ރައީސް)
ހުސެއިން ޒައިދާން ޖަލީލް (ނައިބު ރައީސް) 
ޚަދީޖާ ނައީމް (މެންބަރު)
އަހުމަދު އަޝްރަފް (މެންބަރު)

ޓެކްސް އެޕީލް ޓްރައިބިއުނަލްގަ 5 މެންބަރުން ތިއްބަވާއިރު ވަކި ނުކުރައްވަނީ އިސްމާއިލް ސާޖިދު އެކަންޏެވެ. އޭނާ ވަކިނުކުރުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމީ، ޓްރައިބިއުނަލްގެ މައްސަލަތަކެއް މަޖިލީހުގެ ސަމާލުކަމަށް ގެނައުމުން ކަމަށް ވަނީ ފާހަގަކޮށްފައެވެ.

މަދަނީ ދަތުރުފަތުރުގެ ދައިރާއިން ގުޅުން ބަދަހިކުރުމަށް ވަޒީރު އަމީން ސަޢުދިީއަށް

  • މި ދަތުރުފުޅަކީ ސައުދީ ޓްރާންސްޕޯޓް މިނިސްޓަރުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް

ރާއްޖެއާ ސަޢުދީ އަރަބިއްޔާއާ ދެމެދު މަދަނީ ދަތުފަތުރުގެ ދާއިރާއިން އިތުރަށް ގުޅުންބަދަހިކުރުމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީން ސަޢުދީ އަރަބީއްޔާއަށް ފުރާވަޑައިގެންފިއެވެ.

ވަޒީރުގެ އަމީން ސައުދި އަރަބީއްޔާއަށް ފުރާވަޑައިގެންނެވީ މިއަދުގެ ވަގުތެއްގައެވެ. މިއީ ސައުދީ އަރަބިއްޔާގެ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ލޮޖިސްޓިކްސް ޞާލިހު ބިން ނާސިރު އަލްޖަސިރާއި އަދި އެ ޤައުމުގެ ޖެނެރަލް އޮތޯރިޓީ އޮފް ސިވިލްއޭވިއޭޝަންގެ ރައީސް އަބްދުލްއަޒީޒް އަލް ދުއައިލެޖްގެ ދައުވަތަކަށް ކުރައްވާ ކުރައްވާ ދަތުރުފުޅެއް ކަމަށް ދަތުރުފަތުރާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ވަޒީރު ސައުދި އަރަބީއްޔާއަށް ކުރައްވާ މި ދަތުރުފުޅުގެ ތެރެއިން ދެ ޤައުމު ދެމެދު އޮތް މަދަނީ ވައިގެދަތުރުފަތުރުގެ ގުޅުން އިތުރަށް ވަރުގަދަކުރުމަށް މަޝްވަރާ ކުރައްވާނެއެވެ. އަދި ވައިގެ ދަތުރުފަތުރުގެ ދާއިރާގެ ސަލާމަތާއި ރައްކާތެރިކަމާގުޅޭ ރެގިއުލޭޓަރީ ފްރޭމްވޯކްތައް ޤާއިމުކުރުމާ މެދު މަޝްވަރާކުރުމަށް މި ދަތުރުފުޅުގެ ތެރެއިން މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އާސަންދަގެ އިސްރާފުތައް ކަނޑާލައި، ބޭނުންޖެހިފައިވާ މީހާއަށް ދެވޭއެއްޗެއްކަން ޔަޤީންކުރަނީ

  • 2023 އަހަރު އާސަންދައަށް 1.8 ބިލިއަން ޚަރަދުކޮށްފައިވޭ
  • 2024 އަށް އާސަންދަ ބަޖެޓު 1.9 ބިލިއަން ރުފިޔާ ކަނޑައަޅާފައި

އާސަންދައަކީ ސިއްޙީ އިންޝުއަރެންސްގެ ޤައުމީ ނިޒާމެވެ. މިހާރު އޮންނަ ގޮތުން އާސަންދަ ޚިދުމަތް އެއްވެސް އިސްތިސްނާކުރުމެއްނެތި މުއްސަންޖަކަސް ނިކަމެއްޗަކަސް، ހަމަ ކޮންމެ ދިވެއްސަކަށް ލިބިދެއެވެ. އެހެންނަމަވެސް މިހާރު އޮތް ނިޒާމު އެގޮތުގައި ބާއްވައިގެން ރާއްޖެ ފަދަ ޤައުމަކަށް ދެމެހެއްޓެނިވިގޮތެއްގައި މިޚިދުމަތް ދިގު މުއްދަތަކަށް ދެވޭނެގޮތެއް ނެތްކަމީ ޤަބޫލުކުރަންޖެހޭ ހަގީގަތެވެ. 

ދައުލަތުން އާސަންދަ ފޯރުކޮށްދިނުމަށް ކުރަމުންދާ ހޭދަ އަހަރުން އަހަރަށް އިތުރުވަމުންދާއިރު މިދިޔަ އަހަރުވެސް 1.8 ބިލިއަން ރުފިޔާ އާސަންދައަށްވަނީ ހޭދަކޮށްފައެވެ. އަދި މިއަހަރު އާސަންދައަށް 1.9 ބިލިއަން ރުފިޔާގެ ބަޖެޓެއްވަނީ ކަނޑައަޅާފައެވެ. އަހަރުން އަހަރަށް އާސަންދައަށް ކުރަންޖެހޭ ހޭދަ އެތައް ގުނައެއް އިތުރުވަމުންދާއިރު، ދެމެހެއްޓެނިވިގޮތެއްގައި މި ނިޒާމު ކުރިއަށްގެންދިއުމަށް މިނިޒާމު ހަރުދަނާކުރުމަކީ ދައުލަތުގެ ބަޖެޓަށް ބޮޑުވަމުންދާ ބުރަކުޑަކުރުމަށް ކޮންމެހެން ކުރަންޖެހޭކަމެކެވެ.

ޤައުމީ ސިއްޙީ އިންޝުއަރެންސްގެ ނިޒާމަކީ ޚަރަދު ބޮޑު އަދި އިސްރާފުގެ ބައިވެސް ބޮޑު ނިޒާމެއްކަން ގިނަ ބަޔަކު ޤަބޫލުކުރެއެވެ. މިނިޒާމު އިސްލާޙުކޮށް ބަދަލުތަކެއް ގެންނަންޖެހޭކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ. އެހެންކަމުން ރާއްޖޭގެ އިޤްތިޞާދު ހަމަމަގަށް އަޅުވާ، ސިއްޙީ ފަރުވާ ހޯދުމަށް ދައުލަތުގެ އެހީއަށް ކޮންމެހެން ބޭނުންވާ ފަރާތްތަކަށް އެއެހީ ފޯރުކޮށްދިނުމަށްޓަކައި އިންޝުއަރެންސްގެ ޤައުމީ ނިޒާމަށް އިސްލާޙީ ބަދަލުތަކެއް ގެނައުމަށް ސަރުކާރުވަނީ ނިންމަވާފައެވެ. 

އާސަންދަ އިސްލާޙުކުރުމުގެ ޢަމަލީ މަސައްކަތް އަންނަ އޮކްޓޫބަރު މަހު ފަށްޓަވާނެކަމަށް ސަރުކާރުންވަނީ ހާމަކުރައްވާފައެވެ. މިމަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން މާލީ ވަޒީރު ޑރ.މުޙައްމަދު ޝަފީގު ވިދާޅުވީ، އާސަންދައަކީ ހުރިހާ ރައްޔިތުންނާއި ގުޅިފައިވާކަމެއްކަމުން އެކަމުގައި ގޮތްތަކެއް ނިންމާނީ ސީދާ ރައްޔިތުންނާއި މަޝްވަރާކޮށް ރައްޔިތުންދެކޭ ގޮތަށް ބަލައިގެންކަމަށެވެ. އެގޮތުން މިމަސައްކަތުގައި ސަރުކާރުން އެންމެ އިސްކަމެއްދެއްވައިގެން ފިޔަވަޅުތަކެއް އަޅުއްވާނީ އާސަންދައިންކުރެވޭ އިސްރާފު ކުޑަކުރުމަށްކަމަށް ވަޒީރު ވިދާޅުވިއެވެ. 

“ވަރަށް ބޮޑު ޢަދަދެއް ބޭނުންވާ މީހުން އެބަތިބި ވަރަށް ބޮޑެތި ބަލިތައް ތަޙައްމަލުކުރަމުންދާ. އެހެން ފަރާތެއްގެ އެހީތެރިކަމަށް ބޭނުންވާ މީހުން އެބަތިބި. އެހެންނަމަވެސް މިހާރު އާސަންދަ ޚިދުމަތްދެވޭއިރު މިއިންނަނީ އެއްވެސް ތަފާތެއް ނެތި. އާދައިގެ ނިކަމެތި މީހާވިޔަސް އެންމެ މުއްސަނދި މީހާއަށްވެސް ލިބޭގޮތަށް. އެންމެ ރަނގަޅު މައުލޫމާތު ނޭނގޭ މީހާއަށް އާސަންދައިން ޢާއްމުކޮށް ދެރަގޮތް މެދުވެރިވެފައި އޮންނަނީ.” ވަޒީރު ވިދާޅުވިއެވެ. 

ވަޒީރު ވިދާޅުވީ އާސަންދައިގެ ދަށުން ކުރެވޭ އިސްރާފުތައް ދެނެގަނެ ބޮޑެތި ދާއިމީ ބަލިތަކަށް ބޮޑެތި ހޭދަތައް ކުރަންޖެހި ދައުލަތުގެ އެހީއަށް އެދޭ ފަރާތްތަކަށް ދެމެހެއްޓެނިވި އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ގެންނަންޖެހޭ ބަދަލުތައް ދެނެގަތުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި ނަހަމަގޮތުގައި އާސަންދައިގެ ބޭނުން ކުރަމުންދާ ދިމަދިމާ ހުއްޓުވުމަކީވެސް މިގޮތުން ކުރާނެ މުހިންމުކަމެއްގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވިއެވެ. 

މީގެ އިތުރުން އިތުރު އިންޝުއަރެންސެއް އޮންނަ މީހެއްކަމުގައިވާނަމަ އެމީހަކަށް އާސަންދަ ލިބޭނީ އެއިންޝުއަރެންސްއަކުން ކެނޑުމަށްފަހުގައިކަމަށް ސަރުކާރުންވަނީ ކުރިން ވިދާޅުވެފައެވެ.

އިންޓަރނޭޝަނަލް ބަންކަރިންގެ ޚިދުމަތް އަންނަ މަހުގެ 12ގައި ފެށުމަށް ތައްޔާރުވަނީ

  • މިއީ އިޤްތިޞާދު ސިންދަފާތުކުރުމަށް ކުރަމުންދާ މަސައްކަތެއް
  • ބަންކަރިންގެ ޚިދުމަތް ދޭނީ ވިޓޯލް ބަންކާސްއާއި ގުޅިގެން

އިންޓަރނޭޝަނަލް ބަންކަރިންގެ ޚިދުމަތް އަންނަ މަހުގެ 12 ވަނަ ދުވަހު ފެށުމަށް ތައްޔާރުވެފައިވާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ. 

ދުނިޔޭގެ މެޕުގައި ރާއްޖެ އޮންނަ ސަރަހައްދަކީ ކަނޑު ބޯޓުތައް އާއްމުކޮށް ދަތުރުކުރާ ހިސާބެކެވެ. އެހެންކަމުން ރާއްޖޭގައި ބަންކަރިންގެ ޚިދުމަތް ފެށިއްޖެ ނަމަ މިއީ އިޤްތިސާދީގޮތުން ރާއްޖެއަށް އެތައް ކުރިއެރުމެއް ލިބޭނެ ކަމެއްގެގޮތުގައި ސަރުކާރުން ދެކެއެވެ.

ރާއްޖޭގައި ބަންކަރިންގެ ޚިދުމަތްދެނީ ދުނިޔޭގެ މަޤްބޫލު މުދާ އުފުލާ އަދި ޝިފިންގ މަސައްކަތްތައް ކުރަމުންދާ ވިޓޯލް ބަންކާސްއާ ގުޅިގެންނެވެ. އެކި ސަރަހައްދުތަކުގައި ބޯޓުފަހަރަށް ތެޔޮ ފޯރުކޮށްދިނުމުގެ ޚިދުމަތް ފުޅާ ދާއިރާއެއްގައި ދެމުން އަންނަ ވިޓޯލް ބަންކާސްގެ މެޕުގައި ދިވެހިރާއްޖެ މިހާރު ވަނީ ހިމަނާފައެވެ.

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، ބަންކަރިންގެ ޚިދުމަތް ފެށުމަށް ދިން ބައެއް ތާރީޚުތަކަށް ބަދަލުއައުމުގެ ސަބަބުތަކުގެ ތެރޭގައި މޫސުން ތަންނުދިނުން ހިމެނޭކަމަށެވެ. ނަމަވެސް މިހާރު މަސައްކަތްކުރަމުންދަނީ އަންނަ މަހުގެ 12 ވަނަ ދުވަހު ބަންކަރިންގެ ޚިދުމަތް ފެށުމަށްކަމަށެވެ.

“މިހާރު އަޅުގަނޑުމެން ޓާގެޓް މިކުރަނީ 12 ވަނަ ދުވަހަށް ބަންކަރިންގެ ޚިދުމަތްވެސް ފަށަން. މިއަދު އަޅުގަނޑުމެން ވާހަކަދައްކާއިރު ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި ޗެއަރމަންވެސް ރާއްޖޭގައި އެބަހުރި. މި ހަފްތާގައި އަޅުގަނޑުމެން މިބަލަނީ ލައިސަންސްވެސް ލިބޭނެކަމަށް.” ސައީދު ވިދާޅުވިއެވެ. 

ރާއްޖޭގެ އިޤްތިޞާދު ފުޅާކޮށް ރިޕޯމްކުރުމަށް ކުރަމުންދާ މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށްދާކަމަށް ވަޒީރު ސައީދު ވިދާޅުވިއެވެ. އެގޮތުން އެގްރިކަލްޗަރ އިކޮނޮމިކް ޒޯންގެ މަސައްކަތް ޑިސެމްބަރ މަހުގެ ތެރޭގައި ފެށޭނެކަމަށް ވަޒީރު ވިދާޅުވިއެވެ. މިއީ ރާއްޖެއަށް އިމްޕޯޓްކުރާ ގާތްގަނޑަކަށް 10 ބާވަތެއްގެ ތަކެތީގެ %80 ރާއްޖޭގައި ޕްރޮޑިއުސްކުރެވޭނެ ބޮޑު އިންވެސްޓްމަންޓެކެވެ. އެގޮތުން މި އިންވެސްޓްމަންޓްގެ އަގު ގާތްގަނޑަކަށް 200 މިލިއަން ޑޮލަރަށް އަރާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވަނީ ވިދާޅުވެފައެވެ. 

އުތުރުގެ ބަންކަރިން ޚިދުމަތް ފޯރުކޮށްދޭ އުޅަނދުތަކަށް އިތުރު ޚިދުމަތްތައް ފޯރުވައިދިނުމަށް އެސްޓީއޯއާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްއާ ދެމެދުވެސް ފަހުމުނާމާއެއްގައި މިހާރު ވަނީ ސޮއިކޮށްފައެވެ.

ގޮތް ހުސްވެގެން މައިދާން ދޫކޮށްފައިދާ މީހަކަށްނުވާތި: ރައީސް

ގޮސް ހުސްވެގެން މައިދާން ދޫކޮށް ނުގޮސް، ކުރިމަތިވާ ހުރިހާ ގޮންޖެހުންތަކާ ކުރިމަތިލައިގެން ހުރިހާ ހުރަސްތަކެއް ގިރާކުރުމުގެ ޢަޒުމުގައި ކުރިއަށްދާނެ މީހަކަށް ވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ. އެމަނިކުފާނު މިކަމަށް އިލްތިމާސްކުރެއްވީ މަޖީދިއްޔާ ސްކޫލްގެ “ސައްތަވީ ބިނާ” އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވި، ކޮންމެ މީހެއްގެ ހަނދާނުގައިވެސް ބަހައްޓަންވީކަމަކީ، ހިންމަތާއި ވަރުގަދަ ޢަޒުމެއްގައި ކުރާ ކޮންމެ މަސައްކަތެއް ކާމިޔާބުވާނެކަންކަމަށެވެ. ހިތްވަރާއެކު މަސައްކަތްކޮށްފިނަމަ ދަތި އުނދަގޫ އެއްވެސް ކަމެއް ނޯންނާނެކަމަށާއި، އެޢަޒުމުގައި މަސައްކަތްކޮށްފިނަމަ ކާމިޔާބީ ޔަޤީންވާނެކަމަށެވެ.

“އެ ޢަޒުމްގައި މަސައްކަތްކޮށްފިނަމަ އިރާދަކުރެއްވިއްޔާ ކާމިޔަބީއަކީ ޔަޤީންކަމެއް. އެއީ ހަޔާތުގެ ކޮންމެކަމެއްވިޔަސް، ކިޔަވަމުންދާ ދަރިވަރުން ކިޔެވުމުން ރަނގަޅު ނަތީހޯދުންކަމަށްވިޔަސް، ޤައުމު ބިނާކުރުމުގައި ޤައުމަށް ބޭނުންވާ ކަންކަން ހާސިލްކުރުމުގައިކަމަށްވިޔަސް ތިމާގެ ހަޔާތުގައި ކުރަމުންދާ މަސައްކަތުގައި އާމްދަނީ ހޯދުމަށްކުރާ މަސައްކަތުގައި ވަޒީފާގައި ކުރިއަށްދިއުންކަމަށްވިޔަސް ވަރުގަދަ އަޒުމެއްގައި ބުރަ މަސައްކަތްކޮށްފިއްޔާ ކާމިޔާބީ ހާސިލްވާނެ.” ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ކޮންމެ މީހެއްގެ ޢަޒުމަކަށްވާންވާނީ އެމީހެއްގެ އަނެއްމީހާއަށް ނުވަތަ މުޖުތަމަޢަށް ނުވަތަ ޤައުމަށް މަސައްކަތްކުރުމަށްކަމަށާއި، އެގޮތަށް މަސައްކަތްކުރުމުން ޤައުމުގައި ހުރި ބޮޑެތި މައްސަލަތައް ހައްލުވާނެކަމަށެވެ.

ކޮންމެ މީހެއްގެ ހިތުގައި ބިންވަޅު ނަގާ ޢަޒުމަކަށްވާންވީ މި ޢަޒުމް. ތިމަންނާ ކުރަންއޮތް ކަންކަތައްތަކުގައި ފަހަތަކަށް ނުޖެހޭނަމޭ. ތިމަންނާ ނުވާނަމޭ ގޮތް ހުސްވެގެން މައިދާން ދޫކޮށްލާފަދާ މީހަކަށް. އެއާޚިލާފަށް ކުރިމަތިވާ ހުރިހާ ޗެލެންޖަކަށް ކުރިމަތިލައިގެން ހުރިހާ ހުރަސްތަކެއް ގިރާކުރުމުގެ ޢަޒުމުގައި ކުރިއަށްދާންށޭ ތިމަންނާ މިހުރީ. ވިސްނުން ބަދަލުކޮށްލަންވީ. ކޮންމެ ރައްޔިތަކު ކުރިއަށްދާންއޮތްކަމެއްގައި މިޢަޒުމް ކަނޑައަޅަންވީ. އޭރުން އިރަދަކުރެއްވިއްޔާ ކަންތައްތަކުގައި ކާމިޔަބުވާނެ.” ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ކޮންމެ މީހަކުވެސް އެމީހަކަށް މަތިވެފައިވާ ކޮންމެ ކަމެއްގައި، ގާބިލްކަން ތަންދޭ އެންމެ ފުރިހަމައަށް ކުރުމަށް މަސައްކަތްކުރުމަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.