ޔަހޫދީ ފައުޖުގެ ސަބަބުން ލުބްނާންގެ ސަލާމަތަށް ނުރައްކާވެފައިވޭ: މިޞްރު

0
18

މެދުއިރުމަތީގެ މަސްރަޙު ހޫނުވެފައިވާ ދަނޑިވަޅުގައި, ލުބްނާންގެ ޢާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމަށް ނުރައްކާވެފައިވާ ކަން ހާމަކޮށް, މިޞްރުން އެ ކަމާ މެދު ކަންބޮޑުވުން ފާޅު ކޮށްފިއެވެ. މިޞްރުގެ ރައީސް ޢަބްދުލްފައްތާޙް އަލް-ސީސީ ވަނީ މިޞްރަށް ދަތުރުފުޅެއް ކުރައްވަމުން ގެންދަވާ އެމެރިކާގެ އަސްކަރިއްޔާގެ ޖޮއިންޓް ޗީފްސް އޮފް ސްޓާފްގެ ޗެއަރމަން އަދި ވައިގެ ސިފައިންގެ އިސް ކޮމާންޑަރު ސީކިޔު ބްރައުންއާ މަޝްވަރާ ކުރައްވައި, ޔަހޫދީ ފައުޖުގެ އަމަލުތަކާ ގުޅިގެން ލުބްނާންގެ ޢާންމު ރައްޔިތުންނަށް ކުރިމަތިވެފައިވާ ނުރައްކަލާ މެދު ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.

އެ ކަމާ ގުޅޭ ގޮތުން ސީސީ ބަރައުނާ މަޝްވަރާ ކުރައްވާފައި ވަނީ ލުބްނާންގެ މުޖާހިދުންގެ ޖަމާޢަތް, ޙިޒްބުاللهއާއި ޔަހޫދީ ފައުޖާ ދެމެދު ވަރުގަދަ ޙަމަލާތަކެއް

ބަދަލު ކުރަމުންދާ ދަނޑިވަޅެއްގައެވެ. ޙިޒްބުاللهއަށް ޙަމަލާ ދިނުމުގެ ނަމުގައި ޔަހޫދީ ފައުޖުން ދަނީ ލުބްނާންގެ ޢާންމު ރައްޔިތުން ދިރިއުޅޭ ސަރަޙައްދުތަކަށް ރަޙުމު ކުޑަ ޙަމަލާތަކެއް އަމާޒު ކުރަމުންނެވެ. ޙިޒްބުاللهއާއި ޔަހޫދީ ފައުޖާ ދެމެދު ޙަމަލާ ބަދަލު ކުރަން ފަށާފައި ވަނީ, ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން މީގެ ދިހަ މަސް ކުރިން ފެށި ލާއިންސާނީ ޢުދުވާނާ ގުޅިގެންނެވެ. އަދި, މަސްރަޙު އިތުރަށް ހޫނުވެގެން ދިޔައީ ލުބްނާންގެ ވެރިރަށް ބައިރޫތަށް ޔަހޫދީ ފައުޖުން ދިން ޙަމަލާއެއްގައި ޙިޒްބުاللهގެ އަސްކަރީ ކޮމާންޑަރު ފުޢާދު ޝުކްރު ޝަހީދު ކޮށްލުމާ ގުޅިގެންނެވެ.

އެ ކަމުގެ ބަދަލު ހިފާނެ ކަމުގެ އިންޒާރު ދިނުމަށް ފަހު, ޙިޒްބުاللهން ވަނީ ޔަހޫދީންގެ އަސްކަރީ އަމާޒުތަކަށް ވަރުގަދަ އަދި ނުރައްކާތެރި ޙަމަލާތަކެއް ދީފައެވެ. އެ ޙަމަލާތަކުގައި ޙިޒްބުاللهން ވަނީ ގިނަ ޢަދަދެއްގެ އަސްކަރީ ޑްރޯނާއި ކަތުޔޫޝާ މަރުކާގެ 320 ރޮކެޓް ބޭނުން ކޮށްފައެވެ. އެ ޖަމާޢަތުގެ ވެރިޔާ އަލް-ސައްޔިދު ޙަސަން ނަޞްރުالله ވިދާޅުވީ, ޔަހޫދީންނަށް އިތުރު ޙަމަލާތައް ދިނުމާ މެދު އެ ޖަމާޢަތުން ވިސްނަމުންދާ ކަމުގައެވެ.

އެ ކަމާ ގުޅޭ ގޮތުން ބްރައުނާ މަޝްވަރާ ކުރައްވަމުން ސީސީ ވިދާޅުވީ, ހޫނުވެފައިވާ މެދުއިރުމަތީގެ މަސްރަޙު ފިނި ކުރަން ބައިނަލްއަޤުވާމީ މުޖުތަމަޢުން ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމުގައެވެ. އަދި, މެދުއިރުމަތީގައި ނުރައްކާތެރި ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު އިތުރުވެފައިވާ ދަނޑިވަޅެއްގައި, އެ ކަން ހުއްޓުވަން މަސައްކަތް ކުރަން ޖެހޭ ކަމުގައެވެ.

“[ޣައްޒާ ޢުދުވާނާ ގުޅިގެން] އިތުރުން ހަނގުރާމައެއް ލުބްނާންގައި ފެށިގެން ދިޔުމުގެ ނުރައްކާ އޮތް ކަމަށާއި, ލުބްނާންގެ ސުލްޙައާއި ހަމަޖެހުން ދަމަހައްޓައި, އެ ޤައުމުގެ ސިޔާދަތީ މިނިވަން ކަމާއި އިސްތިޤުލާލު ހިމާޔަތް ކޮށްދޭން ޖެހޭ ކަމަށް ސީސީ ވިދާޅުވި,” ކަމުގައި އޭނާގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުންޏެވެ. މިޞްރަށް ކުރެއްވި ދަތުރުފުޅުގައި ބްރައުން ވަނީ މިޞްރުގެ ދިފާޢީ ދާއިރާގެ އިސް ކޮމާންޑަރާ ވެސް ބައްދަލު ކުރައްވާފައެވެ. ނަމަވެސް, އެ ބައްދަލުވުންތަކާ ގުޅޭ އިތުރު މަޢުލޫމާތު އެމެރިކާއިން ހާމަކޮށްފައެއް ނުވެއެވެ.

މިޞްރަށް ދަތުރު ފެށްޓެވުމުގެ ކުރިން ބްރައުން ވިދާޅުވީ މެދުއިރުމަތީގެ މަސްރަޙު އިތުރަށް ހޫނުވިޔަ ނުދޭން އެޅޭނެ ފިޔަވަޅުތަކާ މެދު މިޞްރުގެ ވެރިންނާ އެކު މަޝްވަރާ ކުރައްވާނެ ކަމުގައެވެ. އޭނާގެ ތަރުޖަމާނު ބުނީ, މެދުއިރުމަތީގައި ނުރައްކާތެރި ހަނގުރާމައެއް ފެށުން ހުއްޓުވުމަށް ދެ ޤައުމުން ގުޅިގެން ކުރެވޭނެ ކަންކަމާ ގުޅޭ ގޮތުން ބްރައުން މަޝްވަރާ ކުރައްވާފައިވާ ކަމުގައެވެ.

މިޞްރަށް ވަޑައިގެންނެވުމުގެ ކުރިން ބްރައުން ވަނީ އުރުދުންގެ ވެރިރަށް ޢައްމާނަށް ވަޑައިގަންނަވައި އެ ޤައުމުގެ އަސްކަރިއްޔާގެ އިސް ކޮމާންޑަރު މޭޖަރ ޖެނެރަލް ޔޫސުފް އަލް-ޙުނަޔިޠީއާ ބައްދަލު ކުރައްވާފައެވެ. ބްރައުންގެ ތަރުޖަމާނު ބުނީ, އެ ބައްދަލުވުމުގައި ވެސް މެދުއިރުމަތީގެ މަސްރަޙުގައި އުފެދިފައިވާ ހައިޖާނުގަނޑު ޙައްލު ކުރާނެ ގޮތްތަކާ ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރައްވާފައިވާ ކަމުގައެވެ. އަދި, ވީ އެންމެ އަވަހަކަށް ޣައްޒާ ޢުދުވާން ނިމުމަކަށް ގެނައުމާ ގުޅޭ ގޮތުން ދެ ބޭފުޅުން ވާހަކަ ދައްކަވާފައިވާ ކަމުގައެވެ.

ޣައްޒާ ޢުދުވާން ނިމުމަކަށް ގެނައުމާ ގުޅޭ ގޮތުން މިޞްރުގެ ވެރިރަށް ޤާހިރާގައި ބާއްވަމުންދާ މަޝްވަރާތަކުގައި ކުރިއެރުންތަކެއް ލިބިފައެއް ނުވެއެވެ. ޣައްޒާގައި ވެރިކަން ކުރާ ޙަމަސް ޖަމާޢަތުގެ މުޖާހިދުންނާއި ޔަހޫދީންނާ ދެމެދު މި ވަގުތު އެންމެ ބޮޑު ޚިޔާލު ތަފާތުވުމެއް އުފެދިފައިވާ މައްސަލައަކީ, ޢުދުވާން ހުއްޓައިލުމަށް ފަހު ފިލަޑެލްފީ ކޮރިޑޯއަށް ބާރު ހިންގާނެ ފަރާތެއްގެ މެދުގައި އުފެދިފައިވާ ދެބަސްވުމެވެ. ފިލަޑެލްފީ ކޮރިޑޯއަކީ މިޞްރާއި ޣައްޒާ ގުޅޭ ސަރަޙައްދީ ރޮނގެވެ. އެ ތަނަށް އަތްގަދަ ކޮށްފައިވާ ޔަހޫދީ ފައުޖުން ބުނީ, ޢުދުވާން ހުއްޓައިލި ނަމަވެސް, އެ ތަނުގެ ކޮންޓްރޯލް ދޫކޮށްލަން ބޭނުން ނުވާ ކަމުގައެވެ.

ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 40,334އަށް އުފުލިފައެވެ. އޭގެ ތެރޭގައި 16،000އަށްވުރެ ގިނަ ޢަދަދަކަށް މައުސޫމު ކުޑަކުދިން ހިމެނެއެވެ. އަދި، ޔަހޫދީ ފައުޖުން ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި އިތުރު 10،000އަށްވުރެ ގިނަ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމުގައި ޣައްޒާގެ އޮފިޝަލުން ގަބޫލު ކުރެއެވެ. ޔަހޫދީންގެ ރަޙުމު ކުޑަ ޙަމަލާތަކުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 93,356އަށް އުފުލިފައެވެ.